”ސަދަންކަނެކްޓިވިޓީ“ ނުވަތަ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަކީ މި ސަރަހައްދުގައި ދިރިއުޅުެއްވާ ރައްޔިތުންގެ ބޮޑު އުއްމީދެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ތާރީހުގައި އުއްމީދީ ފިޔަވަޅެއް އަޅަމުން، ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަށްޓަކައި ’ސަދަންކަނެކްޓިވިޓީ‘ ހިދުމަތް ރަސްމީކޮށް ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ މި ހިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށްވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ތައުލީމާއި ވަޒީފާއާއި ހާއްސާކޮށް އައްޑޫ އާއި ތިނަދޫގައި ހުރި ހޮސްޕިޓަލްތަކަށް ސިއްހީ ދަރުވާއަށް ދަތުރުކުރާ ރައްޔިތުންނަށް މި ދަތުރުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ އިގްތިސާދަށް ހާއްސަކޮށް ލޯކަލް ޓޫރިޒަމްއަށް އެކަށޭނަ ދިރުމެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި ހުރި 3800 އަށްވުރެ ގިނަ އެނދަށް ވަސީލުވުމަށް ފަތުރުވެރިންނަށް މިވަނީ ފަސޭހަވެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށްވެސް ގުޅިފައިވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ސަބަބުން ތައުލީމާއި ވަޒީފާ އަދި ހާއްސަކޮށް އައްޑޫ އާއި ތިނަދޫގައި ހުރި ހޮސްޕިޓަލްތަކަށް ސިއްހީ ފަރުވާއަށް ދަތުރުކުރާ ރައްޔިތުންނަވެސް ލިބިގެންދާނެ ބޮޑު ލިޔެއް ކަމަށެވެ.
”އަޅުގަނޑުގެ އުއްމީދަކީ، 1 ފެބްރުއަރީ 2026 ގައި މި ފެށޭ ހިދުމަތަކީ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދޭނެ ފެށުމަކަށް ވެގެން ދިއުން“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ހިދުމަތަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަރަށް މުހިއްމު ވައުދުފުޅެއްގެ ތަންފީޒީ މަރުހާލާއެއް ކަމަށެވެ.





