ހުޅުމާލޭ ފޭސް 1 ގެ، ޗަނބޭލީ ގޯޅީގައި ހުރި އިމާރާތެއްގެ ތިރީ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހުޅުމާލޭ ޗަނބޭލީ ފަސް ނަމްބަރު ގޯޅި ތެރޭގައި ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔާފައިޓަރުން ހަރަކާތްތެރިވެ މިހާރު ނިއްވާލައިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 3:30 ހާއިރުއެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ފަޔާފައިޓަރުން ކުރި މަސައްކަތުން 3:40 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ ފުރަތަމަ އަލިފާން ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި، އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެ އިމާރާތުގެ ދެ އެޕާޓްމަންޓަކުން 21 މީހުންނަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފައިވެސްވެއެވެ. އެ އޮތޯރިޓީން ބުނީ އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.





