އީރާނާއި އަފްގާނިސްތާނާ އިންވެގެން އޮންނަ ބަލޫޗިސްތާނުގައި ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޓެރަރިޒަމާއި، ހަރުކަށި ފިކުރުގެ އަމަލުތަކާއި، ކުށްކުރުމުގެ އެންމެހައި ކަންކަމަކީ އިންސާނިއްޔަތާ ހިލާފު ކަންކަން ކަމުގައި ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެފަދަ ކޮންމެ އަމަލަކާ ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
އެވުޒާރާއިން ވަނީ މި ހިތާމަވެރި ވަގުތުގައި، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހުލާސްތެރި ތައުޒިޔާވެސް ފޮނުވާފައެވެ. އަދި ޕާކިސްތާނުގެ ސަރުކާރާއި އެ ގައުމުގެ އަހުލުވެރި ރައްޔިތުންނާ އެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.
ބަލޫޗިސްތާނު ޕްރޮވިންސްގެ ވެރިރަށް ކުއެޓާ އާއި ބަނދަރު ސިޓީ ގްވާޑާ ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު މި ހާދިސާގައި ފުލުހުންނާއި ސެކިއުރިޓީގެ 10 މީހުންނާއި އާންމުންގެ 11 މީހުން ވެސް ވަނީ މަރުވެއެވެ. އަދި 24 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތަކުން މައުލޫމާތު ލިބެއެވެ.




