1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މި މަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖައްސައިފިއެވެ.
މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާއްމު ކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް މާލިއްޔަތާބެހޭ ސާކިއުލާއަށް ބަލާއިރު ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ވުޒާރާއިން ވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އަންގާފައެވެ.
ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް ”ޕޭ ލީވް“ (ސްކޮލާޝިޕް މުވައްޒަފުން) އަދި ”ނޯ ޕޭ ލީވް“ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަކަށް ނިކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާވެސް ދެވޭނެކަން ފާހަގަކުރެވެއެވެ.
އިނާޔަތުގެ ފައިސާ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް މާލީކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނީ މި މަހުގެ 18 ވާ ބުދަ ދުވަހުއެވެ.





