ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހު އެއް ވަނަ ދުވަހު މާލެ ސަރަހައްދުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ހަސަން ނުއާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަހުމަދު ނައީމް (39އ) ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ.
ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާ މެދު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.





