ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ އިއްޔެ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ހިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ސިޕީވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ސީޕީ ވަނީ އެދިލައްވާފައެވެ.
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ.





