މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީ އާއި މ. މުލަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލައް / އާގެ، ޝާމު އަބްދުލްގާދިރު (26އ) އާއި ހދ. ނޭކުރަންދޫ / ޝާރާޒް، އަހުމަދު އިބްރާހީމް (46އ) ކަމަށެވެ. އަދި މި ދެ މީހުންގެ ތެރެއިން ޝާމު އަބްދުލްގާދިރު ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު މުލަކު ޕޮލިހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެގޮތުންމުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އަހުމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ނޭކުރެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި، ކުޅުދުއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރުކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާމު އަބްދުލްގާދިރު ފަސް ދުވަހަށް އަދި އަހުމަދު އިބްރާހީމް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





