މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ހުރިހާ އިދާރާއެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށާއި އެއަށް ރާއްޖޭގައި އޮތް ޑިމާންޑު ދަށް ކުރުމަށް މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ސްކޭންކުރާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަނޑުމަގުން ގެންނަ ތަކެތި ސްކޭން ކުރުމަށް ކޮންޓެއިނާ ސްކޭނަރެއް މިއަހަރު ގެނެވި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
ވަޒިރު ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބަނގުރާ ހިމެނޭހެން 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި މިއީ ކުރީގެ ތިން ދައުރުގެ ތެރޭގައިވެސް ފުރަތަމަ ދެ އަހަރު ދުވަހު އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ދެ އަހަރު ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި އަހަރު އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި ”އޮޕަރޭޝަން އަލިމަގު“ އަކީވެސް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، އެ އޮޕަރޭޝަންގެ ތެރެއިން ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫގައި އެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ރައީސް އަންގަވާފައިވާ ގޮތަށް ކުރިއަށް އޮތް ދުވަސް ތަކުގައި މުޅި ރާއްޖެއަށް އޮޕަރޭޝަން ފުޅާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މި އަހަރު މަސްތުވާތެކީގެ ފަރުވާ ޕްރައިވެޓް ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





