ދިވެހިރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާއި މެނޭޖުކުރުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ”2 ވަނަ ނޭޝަނަލް ފޯރަމް އޮން ޕްރޮޓެކްޓެޑް އޭރިއާސް“ ނިންމާލައިފިއެވެ.
ބަންޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދިޔަ މި ފޯރަމް ފަށާފައިވަނީ މި މަހު ތިން ވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި ފޯރަމްގައި ރާއްޖެއާއި ބޭރުގެ ކަމާގުޅޭ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުންޏެވެ.
ހަމައެހެންމެ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ”30×30“ ބަޔޯޑައިވާސިޓީ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން އެކުލަވާލާފައިވާ ރޯޑްމެޕްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މޮނިޓަރކުރުމާއި މެނޭޖުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، އެ ސަރަހައްދުތަކުން ތިމާވެށީގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދާއިމީ މަންފާތަކެއް ލިބޭނެ މަގުތައް ކަށަވަރުކުރުމަކީ ވެސް މި ފޯރަމްގެ މުހިންމު ބޭނުމެއްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ)، އައިޔޫސީއެން އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ފޯރަމް މެދުވެރިކޮށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމަށް ހުރި ހައްލުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިފައިވާ ކަމަށެވެ.





