މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. މާވަށުންނާއި ޅ. ނައިފަރުން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާވަށުން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް / އިތާ، ހަސަން ނާއިފް (24އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުފަސް ވަނަ ދުވަހު މާވަށު ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާއިރު މި މައްސަލައާ ގުޅިގެން ހަސަން ނާއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަސްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފަރުގައި ހިންގި މަސްތުވާތަކެތިީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މަހު ހަވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، އަބްދުﷲ ސިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުހައްމަދު ނަދީމް އަހުމަދު (30އ) ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިއްބައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 8.1 ގުރާމު ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





