ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯޓަރީއެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.
މީގެ ކުރިން މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެމުން އައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޝީ އިންނެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ގާއިމްކުރި މި ލެބޯޓަރީ ހުޅުއްވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ލެބޯޓަރީގައި، ކުރިން ނުހެދޭ އެތައް ޓެސްޓެއް ހެދޭނެ ކަމަށާއި، މިއީ އޮޓަމޭޓެޑް މެޝިންގެ އެހީގައި ހެދޭ ޓެސްޓްތަކެއް ކަމަށެވެ. އަދި ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހުނު މި ހިދުމަތް ރާއްޖެއިން ލިބެން ފެށުމުން، ރާއްޖޭގައި ތިބެގެން އެކި ސިއްީ މައްސަލަތަކަށް ފަރުވާ ހޯދުމުގެ މަގު ފަހިވެގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރެވުނު މި ހިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރިން ތެލަސީމިއާ ވާރުތަކު ކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މި މަހުގެ ފަސްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ތެލަސީމިއާގެ ބާވަތްތައް ސިއްހީ މިންގަނޑުތަކަކުން ތަހުލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީއެންއޭ ތަހުލީލުކުރާ ލެބޯޓަރީ ގާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން ތައްޔާރުވެފައިވާ ކަމަށެވެ.





