- އިސްތިހާރު -spot_img

ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ހއ. އަތޮޅު އަދި ހދ. އަތޮޅުގައި ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ”ރައްކާ ރޯޑް ޝޯ” ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕާ ނޯތު ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސުކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސުކޫލުގެ އިތުރުން ހއ. އިހަވަންދޫ ސުކޫލާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގައި ފަސް ސުކޫލު ހިމެނޭގޮތަށް 154 ދަރިވަރުން ބައިވެރިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި، ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރާއިރު އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި، ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީ ގޮތުން ދަރިވަރުން ބައިވެރިކުރުވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިން ހަރަކާތްތަކުގެ އިތުރުން ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށާއި، މި ސެޝަންތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭވޭނެ ކަމަށެވެ.

ރައްކާ ޕްރޮގްރާމުގެ ތެރެއިން ”ފަހި ރާސްތާ” ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމުގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ރަށުގެ އެކި ސަރަހައްދުތަކާއި މަގުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރައްކާ ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސުކޫލުތަކުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި