ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓުން ކަމަށްވާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. އަދި މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންކަންވެސް ފާހަގަކުރެވެއެވެ.
އެގޮތުން ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމުގެ ތެރެއިން ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ބަންޑާރަ ނައިބާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްގެން ކަމަށްވާއިރު މި ބިލު ފާސްކޮށްފައިވަނީ ގިނަ ފަރާތްތަކެއްގެ އެއްބަސްވުމާއިއެކުގައެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސް އަކު ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއްކަމަށްވާއިރު މިބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސްއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ މުއްދަތު ހަމަވުމުން މަޖިލީހުގެ ދައުރު އުވޭނެއެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށް ބިލުގައިވާއިރު ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް އޮންނާނީ މި އިސްލާހުތަކާއި އެއްގޮތަށް ކަމަށްވެސް ބިލުގައިވެއެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެންބަރު 1 އަށް ހަމަވާނެ ކަން ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
ވުމާއިއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާއިރު މީގެ ކުރިން ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.





