ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓުންކަމަށްވާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. އަދި މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެވެސް އަޣުލަބިއްޔަތުންނެވެ.
ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމުގެ ތެރެއިން ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ބަންޑާރަ ނައިބާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައިވާއިރު ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސް އަކު ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރެވޭނެ ކަމަށް ބިލުގައިވެއެވެ.
މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސްއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަމަށް ބިލުގައިވާއިރު މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މުއްދަތު ހަމަވުމުން މަޖިލީހުގެ ދައުރު އުވޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް އޮންނާނީ މި އިސްލާހުތަކާއި އެއްގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެންބަރު 1 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސްވެއެވެ. ވުމާއިއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާއިރު މީގެ ކުރިން ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައިކަން ފާހަގަކުރެވެއެވެ.





