ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމަކަށް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒު ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭއިރު ރައީސު؛ލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުގެ މަތިން މި ގެނެވުނު ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ބޭނުން ވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން ކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
”ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާކަށްނެތް. އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް. މިއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ދަނެ، މި ކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނަންޖެހޭ.“ ފައްޔާޒު ވިދާޅުވިއެވެ.





