ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ އާއިބައްދަލުކުރައްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދައުވަތަކަށް، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.
ހަމައެއާއެކު، ރައީސް ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފައި ވަނީ، ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައި، އިއްޔެ ހެނދުނު ކަމަށެވެ. އަދި ރައީސް މުއިއްޒު އާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި މި ބައްދަލުވުމުގައި، ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.





