ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެ ރައްޔިތުންނަށް ހެޔޮއެދުންތައްވެސް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތުވެސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް، މި މަހު 9 ވަނަ ދުވަހުން ފެށިގެން މި މަހު 13 ވަނަ ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށްވާއިރު މި ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ސްޓައިންމަޔާ އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މަތީ ފަންތީގެ ރަސްމީ މަޝްވަރާތައްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ދެ ގައުމުގެ މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއް ވެސް މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.





