އެއާޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ ގައުމަށް ލިބޭ ފާގަތިކަމެއް ކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ”ވެލާނާ އެވޯޑްސް“ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކާމިޔާބީ ހާސިލް ކުރުމުގައި ކޮންމެ މުއައްސަސާއަކާއެކުވެސް މަސައްކަތް ކުރާ ބައިވެރިން މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ޝަރީފް ވަނީ ވެލާނާ އެވޯޑަކީ މިފަދަ ބައިވެރިން ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަންވެސް ފާހަގަކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ ހިންގުމުގެ ހަރުދަނާ ކަމަކީ ކާމިޔާބީ ވަޒަން ކުރުމުގެ އެންމެ އަސާސީއެއް މިންގަނޑު ކަމަށާއި، އެހެންކަމުން އެއާޕޯޓަށް އިތުރު ކުރެވޭ ކޮންމެ ހިދުމަތަކާއި، އަދި އިތުރު ކުރެވޭ ރޫޓަކީ މިކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމަށެވެ.
ޝަރީފް ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ރައްޔިތުންނަށް ހުޅުވިގެންދާ އައު ފުރުސަތުތަކެއް ކަން ފާހަގަކުރައްވާފައެވެ. އަދި ޝަރީފް ވަނީ ކޮންމެ އަހަރަކުވެސް ސަރުކާރުން މިދާއިރާގެ އައު ލަނޑުދަނޑިތައް ކަނޑައަޅުއްވާކަން ފާހަގަކުރައްވާފައެވެ. މިލަނޑުދަނޑިތައް ހާސިލްކުރުމަށް ބުރަ މަސައްކަތް ކުރުމުގެ އިތުރަށް ވަރުގަދަ ގުޅުންތަކެއް ގާއިމުކުރަންޖެހޭނެކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މި ގުޅުންތައް ދެމެހެއްޓުމަށް ދެކޮޅުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
”މި ދަތުރުރަކީ ގުޅިގެން ކުރެވޭ ދަތުރެއް. އަޅުގަނޑުމެންގެ މި ގުޅުންތައް ބަދަހިވުމުން އެއާޕޯޓަށް ކުރިއެރުން ލިބޭ. އެއާޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ ގައުމަށް ލިބޭ ފާގަތިކަމެއް“ ޝަރީފް ވިދާޅުވިއެވެ.
މި މަސައްކަތުގައި ރައީސުލްޖުމްހޫރީއްޔާ އަދި ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެސް އެމަނިކުފާނު އަދާކުރައްވާފައިވެއެވެ. އަދި ސަރުކާރުން އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ އެއްހަމައިގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި ވެލާނާ އެއާޕޯޓު ވާނީ ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދިނުމުގެ މެދުވެރިއަކަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.





