- އިސްތިހާރު -spot_img

ރައީސް، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އިއްޔެ މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ބައްދަލުވުންތަކުގައި ރައީސް އާއި ރައީސް ޝްޓައިންމަޔާ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގުވާމީ މައިދާން ތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.

މި ދަތުރުފުޅުގައި ކުރިއަށްގެންދެވި މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ. އަދި މި ރައުންޑް ޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ބައްލަވާލައްވައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާ މި ދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އެޤައުމުގެ ކުންފުނިތަކަށް ގޮވާލައްވާފައެވެ. މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ)ގައި ވެސް ތަގުރީރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ގައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތު ސަރުކާރުގެ އިސްވެރިންނާއި، ބާލިންގައި ތިއްބަވާ ހާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެވަޑައިގެންފައިވާއިރު މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސްއާއިއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތުވެސް ދެއްވާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި