- އިސްތިހާރު -spot_img

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމަށް ވަޒީރު ނަސީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި.

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އައްޑޫ ސިޓީ ހިތަދުއަށް ރޭ ފުރާވަޑައިގެންފިއެވެ.

އެ ވުޒާރާއިން ބުނީ 2026 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތް ތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، ވަޒީރު ރޭ ސ. އަތޮޅަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ހާއްސަ މުޝީރު ނިޝަން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތުގެވެރިޔާ އުތީމު އާދަމް އަބްދުއްރަޙުމާނާއި، ވުޒާރާގެ ބައެއް އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގެންފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރާ މި ރަސްމިއްޔާތަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ހަސަން ޝާކިރު މުހައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި އެތައް ޅެންވެރީންނެއްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ވުޒާރާއިން ބުނީ ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ހާއްސަވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށް ކަމަށެވެ. އަދި މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ހިތަދޫގައި ކުރިއަށްދާއިރު، ދުވަހުގެ ރަސްމީ ޖަލްސާ ތަހުސީސްކުރެވިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ހަސަން ލަބީބަށް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ”ޅެންވެރީންގެ ގުންޒަރު“ގެ ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފެބުރުވަރީ 14 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި