ދިވެހިރާއްޖެއިން ބޫޓާން އަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާން ގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް އަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ބޫޓާން ގެ ވެރިރަށް ތިމްޕޫގައެވެ. އަދި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރާއްޖެއިން ބޫޓާންއަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ސަފީރު ޝިއުނީން ރަޝީދަށް، ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ.
ހާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރުވެސް އަދާކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޫޓާން ގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާވެސް އެކަމަނާ ރައްދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަކުރައްވާފައިވާއިރު ރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަންވެސް އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، އެ ކަމަނާ ވަނީ ބޫޓާން ގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ބައްދަލުވުން ތަކުގައި، ރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާވެސް ކުރައްވާފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި އެ ގައުމުގެ މިނިސްޓާ ފޯ އިންޑަސްޓްރީ، ކޮމާސް އެންޑް އެމްޕްލޯއިމަންޓްގެ އަރިހަށްވެސް ސަފީރު ޝިއުނީން ރަޝީދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު، ރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމަށް ރައީސް އައްޔަން ކުރެއްވީ 26 ފެބްރުއަރީ 2025 ގައެވެ. އަދި ރާއްޖެ އާއި ބޫޓާން އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގައިކަން ފާހަގަކުރެވެއެވެ.




