މުދާ ތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ހަސަން މަފާޒު (26އ) އާއި ހ. ފިލްމީ ސައިޓް / މާލެ، ވިޝާމް މުހައްމަދު (35އ) ކަމަށެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާ ތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފުލުހުންނާއި ހަވާލު ކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





