ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމުގައި ރައީސްގެ އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރެފައި ވަނީ 2022 މާރިޗު 6 ގައި ކަމަށްވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ އާއްމު އެހެން މަސްތަކުގައި ތަފާތު އަދި ކުރު ވަގުތެކެވެ. ހަމައެހެންމެ ހަ ރޯދައަކީވެސް ގިނަ ފަރާތްތަކުން ރޯދަ ހިފާ ދުވަސްތަކެއް ކަމަށްވާތީ އެ ދުވަސްތަކުގެ ރަސްމީ ގަޑިވެސް ސަރުކާރުން ވަނީ ކުރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 އަޅުކަމާއި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށްޓަކާއި ބަންދުކުރެއްވުމަށްވެސް ނިންމަވާފައެވެ.





