މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 349،990 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިން ނެވެ. ޗައިނާއިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 49،704 އަށް އަރާފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ރަޝިޔާ އިންނެވެ. ރަޝިޔާއިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 40،141 ފަތުރުވެރިން ކަމަށްވާއިރު އިޓަލީވިލާތުން 34،320 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 32،563 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ފަސް ވަނައިގައި އޮތް ޖަރުމަނުވިލާތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 21،558 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7778 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 238،400 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 9783 ގައެވެ.
ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 94،234 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7210 އަށް އަރާފައިވެއެވެ.





