ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މި މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު“ ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގާރާރަކުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނު އަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނު އަސާސީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެއް ކަމަށެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އަދި މި ގާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށާއި، އެ އިސްލާހެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ:
”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ”ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ”ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026“ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނު (އީސީ)އިން އިއުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ގާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ވަނީ އީސީއަށް ހުށަހަޅައިފައެވެ.





