ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއް ގޮތަށް ފ. އަތޮޅާއި ދ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މި ހިދުމަތް ފައްޓަވާދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ މި އަދަކީ މުޅި ނިލަންދެ އަތޮޅުގެ (ދ. އަދި ފ.) ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ރައީސްގެ ތަސައްވުރާ އެއްގޮތަށް، މި ދެ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކުރެވިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ހިދުމަތާއެކު، އެ ވުޒާރާގެ އަމާޒަކީ ރައްކާތެރި، އިތުބާރު ހުރި ކަނޑު ދަތުރުފަތުރުގެ ނިޒާމެއް މުޅި ރާއްޖޭގައި ބިނާކުރުން ކަމަށެވެ.
”އުއްމީދަކީ، މި ފެށުނު ހިދުމަތަކީ ނިލަންދެ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ ހިދުމަތެއް ކަމުގައިވުން.“ ވަޒީރު ވިދާޅުވިއެވެ.
ދ. އަދި ފ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފައްޓަވައިދެއްވީ ދަތުރުފަތުރާބެހޭ ވަޒިރު އަމީނުއެވެ.
ދ. އަތޮޅުގައި ތިން ރޫޓަކަށް މި ހިދުމަތްދޭއިރު ފުރަތަމަ ހަފްތާގައި އޮންނާނީ ހިލޭ ދަތުރުތަކެކެވެ. އަދި އެއީ މި ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ބާއްވާ ދަތުރުތަކެއް ކަމަށްވާއިރު ދަތުރުތަކަށް އަގު ނަގަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންކަން ފާހަގަކުރެވެއެވެ.
އެމްޓީސީސީން މި ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 48 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށްވާއިރު މި ފެރީތަކުގެ ހަތަރު ސީޓު، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވެއެވެ. އެމްޓީސީސީން ބުނީ އަހުލުވެރިކަމުގެ ދަތުރުތަކުގެ ގޮތުގައި މި މަހުގެ 19 އިން 24 ގެ ނިޔަލަށް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށެވެ. އެ ހިދުމަތުން އަގު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.




