- އިސްތިހާރު -spot_img

ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވަނީ، ސަމާލުވޭ!

ޑެންގީއާއި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަމަހު ޑެންގީ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެކުރީ މަހާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާއިރު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުންވެސް އިތުރުވެފައިވާ ކަމަށް އެ އޭޖެންސީއިން ބުނެފައިވެއެވެ.

މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށިގެން މިހާތަނަށް އައިއިރު ޑެންގީހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި ނިމި ދިޔަ ޖަނަވަރީ މަހު ޑެންގީގެ 647 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ ޑިސެންބަރުމަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 424 ކޭސްއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށްވާއިރު 2024 ވަނަ އަހަރު ޑިސެމްބަރ މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 69 ކޭސް ކަން ފާހަގަކުރަވެއެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ރިޕޯޓް ކޮށްފައިވަނީ 103 ކޭސްއެވެ.

މި ދުވަސްވަރު ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތެއް ފާހަގަވާނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލި އިތުރުވަމުންދާ ދުވަސްވަރެއްގައި ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް ކަމަށްވެސް އެއެޖެންސީއިން ހާމަކޮށްފައިވެއެވެ.

ނިމިދިޔަ ޖަނަވަރީމަހު އަރިދަފުސް ރޯގާގެ 34840 ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ މަހު ރިޕޯޓްކޮށްފައިވަނީ 29461 ކޭސްއެވެ. އަދި މިދިޔަ ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 7792 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރު ޑިސެމްބަރމަހު ރިޕޯޓްކޮށްފައިވަނީ 3405 ކޭސް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން ވަނީ މި ބަލިތައް އިތުރުވަމުންދިއުމާއެކު އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި ހާއްސަކޮށް ބަލީގެ އަލާމާތް ފެންނަ ނަމަ މީހުން އެއްވެ އުޅޭތަންތަނަށް ވީހާވެސް މަދު ދިއުމަށާއި ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތައް އަޅާކިޔާއިރު ޖަނަވަރީމަހު އިންފުލެއެންޒާ ކޭސްތައް މަދުވެފައިވާއިރު މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު މުޅި ޖުމްލަ 96 ކޭސް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ޑިސެންބަރު މަހު އިންފުލެއެންޒާ ޝައްކުވެގެން ކުރި ޓެސްޓުތަކުން 152 މީހުން ޕޮޒިޓިވް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި