ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެއްޓެވި ހާއްސަ މަޝްރޫއުގެ ދަށުން އިސްލާމިކް މިނިސްޓްރީން ސްޓެލްކޯއާއި ހަވާލުކުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސްޓެލްކޯއިން ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެއްޓެވި ހާއްސަ މަޝްރޫއުގެ ދަށުން އިސްލާމިކް މިނިސްޓްރީން ސްޓެލްކޯއާއި ހަވާލުކުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާތީ ސްޓެލްކޯގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތާއި ދެއްކެވި ހީވާގިކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުންފުންޏާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޑރ. އަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ އެ މުވައްޒަފުންނާއި އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި މަސައްކަތަކީ ހަމައެކަނި ފަންނީ މަސައްކަތެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މުވައްޒަފުން މިކަން ފުރިހަމަކޮށްފައި ވަނީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި އަދާކުރެވޭ މުހިންމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަޝްރޫއު ނިމުމަކަށް އައުމާއެކު، ހޫނު ގަދަ މި ދުވަސްވަރު މިސްކިތް ތަކުގައި އަޅުކަންކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މާލޭ ސިޓީގެ 800 މީހުންނަށްވުރެ ގިނަ މީހުން އެއް ފަހަރާ ނަމާދު ކުރާ މިސްކިތްތައް އޭސީ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި މަޝްރޫއުގެ ދަށުން ގިނަ މިސްކިތްތަކެއް މިހާރުވަނީ އޭސީކޮށް ނިންމާލާފައެވެ.





