ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫތުދީފައިވެ އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





