އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނީ ޒަކާތް ބަލައިގަންނާނީ މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން ކަމަށާއި، މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް ކަމަށެވެ. އަދި އަންނަ މަހުގެ 10 އިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ކަމަށްވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
ހަމައެހެންމެ އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލު އިދާރާއިން ކަމަށާއި، ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލް ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ފިތުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭއިރު ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށެވެ.
ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައެވެ. އެގޮތުން ޖުމްލަ ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ޒަކާތު ހައުސްއިން ހަމަޖައްސާފައެވެ.





