ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސްގެ އޮފީހުން އިއްޔެ އަލުން ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ތިން ކޮމެޓީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ”ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،“ އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ”ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ“ އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ”ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ“ ކަމަށެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް އިތުރު ފުރުސަތު ދެއްވުމަށްޓަކައި، މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސްގެ އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށާއި، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއވެ.





