ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ އަންނަ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ގަނޑު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު 50 ފަރާތަކަށް ލިބޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ އަންނަ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ގަނޑު ކަމަށެވެ. އަދި މި ޖަލްސާ ކުރިއަށްގެންދާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަހު ބޭއްވާފައިވާއިރު އެ ރަސްމިއްޔާތުގައި 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންފައިވެއެވެ.
ކީރިތި ގުރުއާންގެ އިލްމު ފުޅާކޮށް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އިސްލާމީ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އެރުވުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް މެޑަލް ދިނުމުގެ ރަސްމިއްޔާތު މި އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ބޭއްވުމަށް ސަރުކާރުން ހަމަޖައްސާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވުންކަން ފާހަގަކުރެވެއެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުން މިހާރު ހާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާފައެވެ.





