- އިސްތިހާރު -spot_img

”މޯލްޑިވްސް 2.0 ގެ ޒަރިއްޔާއިން ރަށްތަކުގައި ތިބެގެން ވަޒީފާ ހޯދޭނެ ފުރުސަތު ލިބިގެންދާނެ“

މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައިތިބެ، ހިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ.

ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ އަޒުމު އައުކުރައްވައި ރައީސް ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މި ހިދުމަތުގެ އެކި ދާއިރާ ތަކުގައި ހަރަކާތްތެރިވާ ހުރިހާ ހީވާގި ހިދުމަތްތެރީންނަށް ނުހަނު އިހުލާސްތެރިކަމާއެކު އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށާއި، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައިވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެ ދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާންއޮތް ކަމަށެވެ. އަދި މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރުބާރުތަކާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައި ދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އިންތިޒާރު ކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަށްތަކުގައި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި ބޮޑު ކާމިޔާބީއެއް ސަރުކާރުން ހޯއްދަވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފުރިހަމަކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަގު ހެދުން، ބަނދަރު ހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއުއެއް އެއް ފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީވެސް މި ވޭތުވި 2 އަހަރުގެ ތެރޭގައިކަން އެމަނިކުފާނު ފާހަގަކުރައްވައިފައިވެއެވެ. ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯއްދަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި