އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލު ބައިވެރިވެވަޑައިގެންފިއެވެ.
ހައި-ލެވެލް ސެގްމަންޓްގެ ބަހުސްގައި ތަގުރީރްކުރައްވަމުން ވަޒީރު ވަނީ އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޑެކްލަރޭޝަންގައި ބަޔާންކުރާ ކަންތައްތަކަށް އަމަލު ކުރުމުގައި ރާއްޖެއިން ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގަ އާއި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށް، ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުވަނީ އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މި ސެޝަންގެ ހަވާސާގައި، ވަޒީރު އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނާ ވޮލްކާ ޓާކް އާ ބައްދަލުކުރެއްވިއެވެ. އަދި މި ސެޝަންގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އަންގޯލާ، ކިއުބާ، ރުވާންޑާ، ކިރިގިސް ރިޕަބްލިކް، ސްލޮވާކިއާ، އައިސްލެންޑް، ސްލޮވީނިއާ، އިންގިރޭސިވިލާތު، ސެން މަރީނޯ، އިޖިޕްޓް، އަދި ރަޝިއާގެ ވަފްދުތަކުގެ އިސްވެރިންނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ރިޕަބްލިކް (އޯއައިސީ) ގެ އިންޑިޕެންޑެންޓް ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައިޕީއެޗްއާރްސީ) ގެ އެކްޒެކިއުޓިވް ޑިރެކްޓާވެސް ބައްދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން އިންޓާނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ. ގެ ޑިރެކްޓާ ޖެނެރަލް އާއި، ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި އައިއެލްއޯ އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ވަޒީރުވަނީ ”1986 އެމެންޑްމަނަޓް ޓު ދަ އައިއެލްއޯ ކޮންސްޓިޓިއުޝަން“ ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް ބޭނުންވާ އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން ރަސްމީކޮށް ހުށަހަޅުއްވާފައެވެ.
ޖެނިވާގައި ހުންނަ ސްލޮވީނިއާގެ ޕާމަނަންޓް މިޝަން އިން އިންތިޒާމްކޮށް ދިވެހިރާއްޖެއިން ކޯ ސްޕޮންސާ ކޮށްގެން ބޭއްވި ”އެޑްވާންސިން ހިއުމަން ރައިޓްސް އެންޑް އީކުއަލިޓީ: އިންވެސްޓިން އިން ވިމެންސް ޕޮލިޓިކަލް ލީޑާޝިޕް އިން މަލްޓިލޭޓަރަލިޒަމް“ ސައިޑް އިވެންޓުގައި ވަޒީރު ބައިވެރިވެވަޑައިގެން ތަގުރީރްކުރައްވާފައިވާއިރު އެ ތަގުރީރުގައި، ބައިނަލްއަގްވާމީ މައިދާނުގައި ހާއްސަކޮށް ނިންމުންތައް ނިންމާ މަންސަތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރެއްވެވިއެވެ.
2028 އިން 2030 ވަނަ އަހަރަށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ދައުރަށް ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައި، އދގެ އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ.
އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފައިވެއެވެ.




