ކިތަންމެ ވަރަކަށް ހަގީގަތް ފޮރުވަން އުޅުނަކަސް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ހިންގި ޖަރީމާތަކާއި ކޮރަޕްޝަން ރައްޔިތުންނާ ހަމަޔަށް ތިލަވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު އަދި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރު އަޒިމް މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުން ކޮށްގެން، އޭނާއާ ހިޔާލު ތަފާތު ކައުންސިލަރުންނަށް ބިރު ދައްކައި އިންޒާރު ދޭން އެކި ގޮތްގޮތުން މަސައްކަތް ކުރުމަކީ ވަރަށް ދަށް ފެންވަރުގެ ނާތަހުޒީބު ކަމެއް ކަމަށްވެސް އަރީޝް ވިދާޅުވިއެވެ. އަދި އާޒިމްގެ ވިސްނުން އަބަދުވެސް ހުންނަނީ ސިޓީ ކައުންސިލުން ކުރާ ކޮންމެ މޮޅު ކަމެއްގެ ކްރެޑިޓް އެހެން އެކަކަށްވެސް ނުދީ އަމިއްލައަށް ހޯދަން ކަމަށާއި، ކައުންސިލަރުންނާއި އިސްބައެއް މުވައްޒަފުން ރެޔާ ދުވާލު ލޯބޯ ފިއްސައިގެން ބޮޑެތި ގުރުބާނީ ވެގެން ރައްޔިތުންގެ މަންފާއަށް ކޮށް ނިންމާ ކޮންމެ ކަމެއްގެ ރީތި ނަން މަކަރާ ހީލަތުން ދަމައި ގަންނަން ކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
”މި ވާހަކަތައް ކައުންސިލް ޖަލްސާ ތަކުގައި އަޅުގަނޑު ދައްކާތީ މޭޔަރަކަށް އެކަން ހަޖަމެއް ނުވޭ. ހަގީގަތުގައި މާލެ ސިޓީގެ ރައްޔިތުންނަށް މިހާރު ލިބިފައި މިހިރަ މޭޔަރަކީ، އަމިއްލަ ޖީބަށް ބަރުވާ ގޮތަށް ނޫނީ އެއްކަމެއްވެސް ކުރާ މީހެއް ނޫން. ސިޓީ ކައުންސިލަކީ މޭޔަރަށް ހީވާ ގޮތުން އޭނާގެ އަމިއްލަ ގޭގެ ކުޑަ ފިހާރައެއް. އެއްވެސް ކައުންސިލަރަކަށް ބެލުމެއް އިހުތިރާމެއް ނޯވޭ. ހައްގުތައް އަދާކުރުމެއް ނޯވޭ. މި ވާހަކަތައް އަޅުގަނޑު ތަކުރާރުކޮށް ދައްކާ ހަގީގަތް ހާމަ ކުރާތީ ކިތަންމެ ވަރަކަށް ޒާތީ ވިޔަސް މި އަޒުމެއް ނުގުޑާނެ.
އަރީޝް ވިދޅާޅުވީ އެމަނިކުފާނުުގެ ރޫޙު މަރައެއް ނުލެވޭނެ ކަމަށާއި ކައުންސިލް ޖަލްސާ ތަކުގައި އަދިވެސް މޭޔަރުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށެވެ.
”ހިންގާ އަނިޔާވެރި ގީދަޅު އަމަލުތަކުގެ ވާހަކަ ދައްކާނަން. ތިޔަހެން އަގުވައްޓާލަން ހަދާ ދޮގުތަކަކުން، ދޭ އިންޒާރަކުން އަޅުގަނޑެއް ނުސިހޭނެ.“ އަރީސް ވިދާޅުވިއެވެ.





