ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފި އެވެ.
ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަކޮށް، މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ކެބިނެޓުންކަން ފާހަގަކުރެވެއެވެ.
ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ އިލާކާއެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން އެ ގައުމުގެ ކެބިނެޓުން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ސޯލިހު، 22 އޯގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސީޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
”މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސީޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހުރުވެރި ދިވެހި ދައުލަތާއި، ލޮބުވެތި ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މިވަގުތު އަޅުގަނޑު އިއުލާން ކުރަން.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”އެކްސްޕްރެސް ކޯ ޔޫކޭ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައިވެސް ރައީސް ވިދާޅުވީ ޗާގޯސް އައިލެންޑްސް ނުވަތަ ”ފޯޅަވަހި“ ގެ ނަމުން މަޝްހޫރުވެފައިވާ ރަށްތަށް އިނގިރޭސިވިލާތުން މޮރިޝަސްއާއި ހަވާލުކުރި ނަމަވެސް އެތަން ލިބުން އެންމެ ހައްގު ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
އެ އިންޓަވިއުގައި ރައީސް ވިދާޅުވީ ޖިއޮގްރަފީ ގޮތުންނާއި ތާރީހީ އަދި ގާނޫނީ ގޮތުން ބެލިނަމަވެސް، ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހައްގުކަން ބޮޑު ކަމަށެވެ. އެގޮތުން މޮރިޝަސްއަށް ވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަހައްދު ޖިއޮގްރަފީ ގޮތުން ގާތްވުމާއި، ރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮންނަ ތާރީހީ ގުޅުން ވަރުގަދަ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަމަށް ރިއާޔަތްކުރުމަށް ފަހުވެސް ރާއްގެއަށް ޗާގޯސް ލިބުން މާ އައުލާކަން ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





