މާރިޗު މަހު މުޅިރާއްޖޭގައިވެސް ހޫނު މިން ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.
މެޓުން ބުނީ މާރިޗު މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށެވެ. ނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާއްމުކޯށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ކަމަށާއި ފިނިހޫނުމިނަށް ބަލާއިރު މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާއްމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުޑަ ބޭނުންކުރުމާއި، ކުލަ މަޑު ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުން ލުމަށް އިސްކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެއެވެ. އަދި ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުމާއި ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވި އައިނު ބޭނުން ކުރުމަކީވެސް ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅެއްކަމަށް އެ އެޖެންސީއިން ބުންޏެވެ.
މީގެ އިތުރުން ގިނަ ވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް-15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަނެއް ބޭނުންކުރުމާއި ގިނަ ވަގުތު އަވީގައި ނޫޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ ރޯދަ ވީއްލުމަށްފަހު ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ފެންގިނަ މޭވާ އާއި ތަރުކާރީ ބޭނުންކުރުމާއި ކެއުމުގައި ލޮނު މަދުކުރުމަށްވެސް ސަމާލުކަން ދިނުމަށެވެ.





