އިސްލާމީ އެއްބާރުލުމާބެހޭ ޖަމިއްޔާ (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި، ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން އޮތްކަން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.
އިސްލާމީ އެއްބާރުލުމާބެހޭ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީން، އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ވަޒީރުވަނީ އެ ދަތުރުފުޅު ނިންމަވާލައްވާފައެވެ. އަދި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓްގައި މި ބައްދަލުވުން ބޭއްވުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އިސްތިއުމާރީ އަނިޔާވެރިކަމާއި، ބިންތަކުން ނެރެލުމުގެ އަމަލުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބޭއްވޭ މުހިންމު ބައްދަލުވުމެއް ކަމަށެވެ. ވަކިންހާއްސަކޮށް، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ ”ދައުލަތުގެ މިލްކިއްޔާތެއް“ ކަމަށް ކަނޑައަޅައި، ފަލަސްތީނުގެ ބިންތައް ފޭރެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވި މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ވަޒީރު ވަނީ އިޒްރޭލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާއިރު މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ސުލްހައިގެ މަގަށް އޮތް ހުރަހެއް ކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ތަކުރާރު ކުރައްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ އެކު ވަޒީރު މުހިންމު މަޝްވަރާތަކެއް ކުރައްވާ، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، އަމިއްލަ ފަސްގަނޑުގައި އަބުރުވެރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ ހައްގު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ.
57 މެންބަރު ގައުމު ހިމެނޭ އޯއައިސީ އަކީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ.
ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތެރި މެންބަރެކެވެ.




