މެދު އިރުމަތީގެ ހަނގުރާމައިގައި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއިބެހޭ ވުޒާރާއިން މިއަދު ބުނެފި އެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަހައްދުގެ ގައުމު ތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާނެ ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަހައްދުގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ މުއާމަލާތްތައް މެދު ކެނޑުމެއް ނެތި ކުރިއަށްދާކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ހަމައެހެންމެ ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމު ދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މައުލޫމާތު އޮޅުން ފިލުވާ ފޯރުކޮށްދެމުންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ. އަދި މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭނެ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ.





