މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ދަތުރުފަތުރުގެ ނިޒާމަށް މި ވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިމިގްރޭޝަނުން އިތުރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި ފެށުނު ހަމަނުޖެހުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ދިވެހިރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ކެންސަލްވުމާއި ގުޅިގެން ރާއްޖޭގައި މި ވަގުތު ތިބި ބައެއް ފަތުރުވެރިންނަށް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން އެ ފަރާތްތަކުގެ ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބުނީ މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތާށިވެފައި ތިބި ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ ގާތުން ހިދުމަތް ދިނުމަތް އެ އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެމްއޭސީއެލްއިން މިހާރު އަންނަނީ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރަމުންނެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި އިއްޔެ ޖުމްލަ ނުވަ ފްލައިޓެއް ކެންސަލްވެފައިވާއިރު ގާތްގަނޑަކަށް 1,716 އެއްހާ ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ވީއައިއޭއިން ބުންޏެވެ.




