ރާއްޖެއަށް މިހާރު ތެލާއި ގޭސް ގަންނަ ބާޒާރު ނޫން އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ތެލަށް ނުޖެހޭނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ މެދުއިރުމައްޗަށް އަންނަ ލޮޅުމެއްގެ ސަބަބުން ތެލާއި ގޭހުގެ އަގަށް އަތުވެދާނެ ބަދަލުތަަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
މެދުއިރުމަތީގައި އެއްވެސް ބާވަތެއްގެ ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އެކަމުން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ އެއްކަމަކީ ތެލާއި ގޭސްފަދަ ބައެއް މުދަލުގެ އަގަށް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ ހަނގުރާމައެއް ނުވަތަ ނުތަނަވަސްކަމަކުން އަސަރުކުރާނެ ހުރިހާ އަގުތަކަކަށް މިފަހަރުވެސް އަސަރުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަަތްކުރަމުން އަންނަނީ އެކަމަށް ރިއާޔަތްކޮށްގެން ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.
ސަރުކާރުން އެކަމުގައި ބަލާ ނުވަތަ ރިއާޔަތްކުރާ ކަަންކަމުގެ ތެރޭގައި އަގަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކަށް ރިއާޔަތްކޮށް، މިހާރު ތެލާއި ގޭސް ގަންނަ ބާޒާރު ނޫން އިތުރު ބާޒާރުތައް ހޯދުން ފަދަ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތެލާއި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިސްނަވާ ކަމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންްނާއި ބިދޭސީ މަސައްކަތްތެރިންނާއި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކުރެވިގެން ތެލާއި ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.





