ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭނެ ކަމަށް ބުނެ އެކި ފަރާތްތަކުން އާއްމުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ލިބެމުންދާ ކަމަށް ބުނެފިއެވެ.
ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވުޒާރާއިން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައިވެސް ގޯއްޗާއި ފްލެޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާއްމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ އިތުރުން އެ ވުޒާރާއިން އާއްމު ކުރަމުންދާ އިއުލާންތަކުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެ ގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައިވާ އުސޫލަކާ ނުވަތަ އެ ވުޒާރާއިން އާއްމުކޮށްފައިވާ އިއުލާނަކާ ހިލާފަށް އެއްވެސް ފަރާތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން ގޯއްޗާއި ފްލެޓު ލިބުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެކި ފަރާތްތަކުން ހިންގާ މިފަދަ އޮޅުވާލުންތަކާއި ސްކޭމްތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެ ވުޒާރާއިން އެދިފައިވާއިރު ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށްވެސް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.
އެ ވުޒާރާއިން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައިވާ އުސޫލެއް ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަމްބަރު 125 އަށް ގުޅުއްވާ އެކަން ރިޕޯޓް ކުރުމަށް އެދިފައިއެވެ.




