ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މާޅޮސް މަޑުލު އުތުރުބުރީ ”އުނގުލު“، އެ އަތޮޅު ”އުނގޫފާރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ގަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާ ހަމަކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.





