ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ) ފްލެޓްތައް ކުއްޔަށް ދޭނަމަ ފްލެޓްތައް އަތުލައި 50،00 ރުފިޔާއަށް ފްލެޓުތަކުގެ ވެރިން ޖޫރިމަނާ ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީގެ ފްލެޓުތަކުގެ ތެރެއިން އެއް ފްލެޓުގެ ވެރިޔަކުވަނީ ދާދިފަހުން އެ ފްލެޓު ކުއްޔަށް ދޫކުރުމަށް އާއްމުކޮށްފައެވެ. އެކަމާއި ބެހޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލަ އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެފްޑީސީ ފްލެޓްތަކަކީ 3 ވަނަ ފަރާތަކަށް ކުއްޔަން ދެވޭނެ ތަންތަނެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ފްލެޓުގެ އެއްބަސްވުން އުވާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، ސަރުކާރުން އިޖްތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދިނުމަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަގުސަދަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އަދި އަސާސެއް ގޮތުން މިއީ ގޯސް އަމަލެއްކަން ފާހަގަކުރައްވާ ހަމްދާން ވަނީ ފްލެޓްތައް ފައިދާ ހޯދާ ވިޔަފާރިއަކަށް ހެދުމަކީ ކޮންމެ ދިވެއްސެއްގެ ހައްގަށްވެސް އަރައިގަތުން ކަމަށެވެ.
އެ ފްލެޓުތަކުގެ ތެރެއިން އެއް ފްލެޓު ކުއްޔަށް ދޫކުރުމަށް ޖަހާފައިވަނީ 3 ކޮޓަރީގެ އެޕާޓްމެންޓެއް 23،000 ރުފިޔާއަށެވެ. ނަމަވެސް 3 ކޮޓަރީގެ މި ފްލެޓަށް ސަރުކާރުން ކަނޑައަޅާފައިވަނީ 11،500 ރުފިޔާ ކަމަށްވާއިރު، ފަހިދިރިއުޅުން ފްލެޓްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ފްލެޓްތަކެކެވެ. އަދި މި 4000 ފްލެޓް ތަކުގައި 3 ކޮޓަރިއާއި ދެކޮޓަރީގެ ފްލެޓްތައް ހުރިއިރު، މިތަންތަން ކުއްޔަށް ދިނުމަކީ އެތަންތަނުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާއިވެސް ހިލާފު ކަމެކެވެ.





