އަންހެނުން ބާރުވެރިކުރުވުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ އަދުގެ ސަރުކާރުންކަމަށް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ވިންގުން ބުނެފިއެވެ.
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ އަންހެނުން ވިންގުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިަކމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިހާތަނަށް އައިއިރު އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވިޔަފާރީގެ މައިދާނަށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ހާއްސަ ލޯނު ސްކީމު ތައާރަފުކޮށް، ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްގެ މަގާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވިފައިވާ މަގާމެއްގެ ގޮތުގައި އުފައްދަވާފައިވާއިރު އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލުގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ދޭ ފައިސާގެ ނިސްބަތް އިތުރުކުރެވިފައިވަނީވެސް މި ސަރުކާރުން ކަމަށް ބަޔާނުގައިވެއެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޕީއެންސީގެ އަންހެނުންގެ ގޮފިން ބާއްވާ ހާއްސަ ހަރަކާތް ރަމަޟާން މަހަށްފަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.




