އިދިކޮޅު އެމްޑީޕީން ވަނީ އިޅުވާލާފައި ކަމަށާއި، ފުރަތަމަ އޮޅުވާލުމަކީ ދެ އިންތިހާބު އެއްކޮށްލަނީއޭ ބުނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ދެ އިންތިހާބަކީ ވަކިވަކިން ބާއްވާ ދެ އިންތިހާބު ކަމަށާއި، ތަފާތަކީ ހަމައެކަނި އެއް ދުވަހަކު ބާއްވާކަން ކަމަށެވެ. އަދި އެއް ދުވަހަކުން ބޭއްވުމުން ލިބޭނެ ފައިދާތަކެއް ހުރި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ ފަރާތްތަކުގެ އަދަދު މަޖިލީސް އިންތިހާބަށްވުރެ ގިނަ ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ކަމުގައިވަނީނަމަ ގިނަ ރައްޔިތުން ނުކުމެ ބައިވެރިވުމުން، މަޖިލީސް މެންބަރުން ހޮވުމުގައިވެސް ގިނަ ރައްޔިތުންގެ ޝާމިލްވުން ލިބޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް، ރަނގަޅު ނިޔަތެއްގައި ކުރާ ވަރަށް އިހުލާސްތެރި މަސައްކަތެއް ކަމަށްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން އެކަން ބަލައިގަންނާނެ، ދުނިޔޭގެ އެންމެ ބޮޑު އިންތިހާބަކީ އިންޑޮނޭޝިއާގެ އިންތިހާބު، މުސްލިމް ގައުމެއް، ބައިބޯ ގައުމެއް، އެ ގައުމުގައިވެސް މި ދެ އިންތިހާބު އޮންނަނީ އެއް ދުވަހެއްގައި، ރައީސްގެ އިންތިހާބާއި މަޖިލީސް އިންތިހާބާއި، ހަމަ އެއާއި އެއްކޮށް ތުރުކީއަށް ބަލައިލިކަމުގައިވިޔަސް، ލެޓިން އެމެރިކާގެ ބައެއް ގައުމުތައްވެސް މެކްސިކޯ އުރުގުއޭ ކަަހަލަ ގައުމުތައް ބެލިޔަސް ހަމަ އެގޮތަށް. މިއީ ހަމަ އަޅުގަނޑުމެން ހެޔޮހިތުން އިހުލާސްތެރިކަމާއި އެއްކޮށް ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެއޭ، އަޅުގަނޑުމެން މި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން، ރައްޔިތުން ބުނާ އަޑު އެހުމަކީ އަޅުގަނޑުމެން އުފާވާނެ ކަމެއް، އަޅުގަނޑުމެން އެއްގޮތަކަށްވެސް ލަދުގަންނަން ޖެހޭ ކަމެއް ނޫން، ކަންބޮޑުވާން ޖެހޭ ކަމެއް ނޫން.“ ނާޒިމް ވިދާޅުވިއެވެ.
ހަމައެހެންމެ ގާނޫނު އަސާސީ އިސްލާހު ކުރި މަޖިލީހުގައި މެންބަރެއްގެ ގޮތުގައި އާއި ގާނޫނި އަސާސީ ތަސްދީގު ކުރުމުގެ މަސައްކަތުގައި އާއި ހާއްސަ މަޖިލީސްގައިވެސް އެމަނިކުފާނު ބައިވެރިވެފައިވާ ކަމަށާއި، ވޯޓުތައް ތަރުތީބު ކުރުމާއި ގުޅޭގޮތުންވެސް އެ މަޖިލީހުގައި ބަހުސް ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމް ކެނޑެވުމަށް ފަހު އިންތިހާބު ބާއްވާނެ ތާރީހުތަކާއި ގުޅޭގޮތުންވެސް ބަހުސް ކުރެވިފައިވާ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ހާއްސަ މަޖިލީސްގައި ހުށަހެޅުމެއް ހުށަހަަޅައި، އެ ހުށަހެޅުމަށް ވޯޓަށް އަހާފައިވާ ކަމަށެވެ.
”އެހެންވީމަ މިއީ ކުރެވިފައި ނެތް ބަހުސްއެއް ނޫން، މިއީ ކުރެވިފައި، ކުރެވި ނިމިފައި އޮތް ބަހުސްއެއް، އެއިރު ރައްޔިތުން ނިންމެވީ އެގޮތަށް.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އާ ގާނޫނު އަސާސީ ތަސްދީގުވުމާއެކު މިނިވަން މުވައްްސަސާތައް އުފަންވި ކަަމަށެވެ. އަދި އޭގެ ތެރޭގައި މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަން (އީސީ)އެއް ހަދައި، އިންތިހާބާއި ބެހޭ ގާނޫނޫތައްވެސް ހެދި، އެ ގާނޫނުގެ ދަށުން ހަދައި ގަވާއިދުގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައަޅަން ޖެހޭ ކަމަށް ނާޒިމް ވަނީ ހާމަކުރައްވާފައެވެ.




