ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްހަފްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ އެގޮތުން މުސްހަފް ފޯރުކޮށްދީފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު އުމަރު އަހުމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީގު (ޅ. ކުރެންދޫ)، މަސްޖިދުއްތައުބާ (ނ. މަނަދޫ) މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިހުލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަހުމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަހުމާ (އދ. އޮމަދޫ)، މަސްޖިދު މުހައްމަދު ގާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ އަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ) ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި މުސްހަފް ފޯރުކޮށްދީފައިވާ ކަމަށާއި، 2025 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ދެ ބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްހަފް ހަދިޔާކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މުސްހަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ގުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށް ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ އެކި ގުރުއާން ކުލާސްތަކަށް ވުޒާރާއިން އަންނަނީ މި މުސްހަފްތައް ހަދިޔާކުރަމުން ކަމަށާއި، ސައުދީ އަރަބިއްޔާއިން މުސްހަފް ހަދިޔާކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެއް ކަމަށެވެ.





