އިދިކޮޅު އެމްޑީޕީން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖެ ބަދުނާމުވާ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާތީ ރައްޔިތުންނަށް އޮޅުވާލާއި، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެ ބަދުނާމު ކުރުމަށް ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ޕީއެންސީއަށް އޮތް އަޣުލަބިއްޔަތު ބޭނުން ކޮށްގެން ރައްޔިތުންނާ ހަމައަށް ނުގޮސް ނިންމައިލެވެން އޮތް ކަމެއް ނަމަވެސް ތެދުވެރިވީމާ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ރައްޔިތުންގެ އަރިހަށް ވަޑައިގެން، ރައްޔިތުންނަށް ފެންނަ ގޮތެއް ބެއްލެވުމަށް ކަމަށް ހަލީލު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ތަކުގައި ބައްދަލުވެވަޑައިގަތް ބައެއް ބޭފުޅުން އެ ބޭފުޅުންނާ ހަމައަށް މިކަމުގައި ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާކަމަށްވެސް ހުޅުމާލޭ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ހަލީލު ވިދާޅުވިއެވެ.
ހަލީލު ވަނީ އިންތިހާބުތައް ގަޑުބަނޑުކޮށް އެއްކޮށްލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުންނަށް މައުލޫމާތު ދީފައިވާ ކަމާއި، ހަގީގަތާއި ހިލާފަށް ވާހަކަތައް ދައްކާ ބޭފުޅުންނަށް އެކަމާ ހާސްނުވުމަށް ހަލީލު އެދިވަޑައިގެންފައިވެއެވެ. އަދި މި ވޯޓު ލާނީ ދިވެހި ރައްޔިތުން ކަމަށާއި، ކޮންމެ އިންތިހާބެއްވެސް މި ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ބާއްވާ ކަމުގައިވާ ނަމަ ވޯޓު ދޭނީ ދިވެހި ރައްޔިތުން ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
”އެހެންވީމާ ރައްޔިތުންނާ ހަމައަށް މިގޮތަށް ދިއުމާމެދު ބިރުގަންނާނެ ކަމެއް ނެތް. ރައްޔިތުންނާ ހަމައަށް ދިއުމާމެދު ބިރުގަންނަ ކަމަށްވަަންޏާ ސިޔާސީ ކަންކަމަށް ކުފޫހަމަނުވަނީ.“ ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ މިފަދަ ވާހަކަތައް ފަތުރަމުން ދިޔަކަމުގައިވީނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވަރުގަދަ ހާރިޖީ ސިޔާސަތުގެ ތެރެއިން ކަންކަަމުގެ ހަގީގަތް ގައުމުތަކާއި ޖަމްއިއްޔާތަކަށް ބުނެދެވި އޮޅުންފިލުވައިދެވުމުން އެ ހުރިހާ ވާހަކައެއް ނަފީވެގެންދާ ކަމަށާއި، އިޒްރޭލު ފިޔަވައި ކޮންމެ ގައުމަކުން ރާއްޖެއާއެކު މަސައްކަތްކުރާނަމަ އެ ގައުމުތަކާއެކު އެކުވެރި ގުޅުން ރާއްޖެއިން ބާއްވަވަން ރައީސް ނިންމަވާފައިވާ ސިޔާސަތު ދުނިޔެއިން ބަލައިގަަނެފައިވާ ކަމަށެވެ.
”އެހެންވީމާ އަޅުގަނޑު ދަންނަވައިލަން އޮތީ ރާއްޖެ ބަދުނާމުކުރުމަށްޓަކައި ބައެއް ބޭފުޅުން ބޭރު ދުނިޔޭގައި، ހާއްސަކޮށް އަޅުގަނޑުމެންނާ އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ދެއްކެވުން ތިބޭފުޅުން ހުއްޓަވައިލައްވާށޭ. ތިއީ ތިބޭފުޅުންނަށްވެސް، ދިވެހި ރައްޔިތުންނަށްވެސް ފައިދާ ހުރި ކަމެއް ނޫނޭ. ދިވެހި ރައްޔިތުންދެކެ ލޯބިވޭތަ، ތި ވާހަކަަ ހުއްޓުވާލައްވާ،“ ވަޒީރު ވިދާޅުވިއެވެ.




