އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ސަރަހައްދުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ގަލްފް ސަރަހައްދުގެ އެއާޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށްވާތީ، ދިވެހިރާއްޖެއިން އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، ބަހުރައިން އަދި އެ ސަރަހައްދުގެ އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން މި ކަންކަމުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާތީ އެކަން ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ އެ ވުޒާރާއިން ބުނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ ހަމަލާތަކުގެ ތެރޭގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދީފައިވާ ބޮޑެތި ގެއްލުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.
އެ ވުޒާރާއިން ވަނީ މެދު އިރުމަތީގެ ސަރަހައްދަށް ސުލްހައާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އިލްތިމާސްވެސް ކޮށްފައެވެ.




