ބަލި މީހުންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ”މެޑިކަލް ސްކޭމް“ ތަކަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ މި ދުވަސްވަރު ސޯޝަލް މީޑިއާ، ވަކިން ހާއްސަކޮށް ފޭސްބުކްގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ގިނައީ ހަގީގީ މައުލޫމާތެއް ނެތް، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޖަހާފައިވާ ޕޯސްޓުތައް ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ސްކޭމްތަކަށް ހޭލުންތެރިވުމަށް އެދި ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތު ތަކުގައި ސްކޭމަރުން ބޭނުންކުރާ ބައެއް އުކުޅުތަކުގެ ސްކްރީންޝޮޓްތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް ޕޯސްޓެއްގައި އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި، އޭނާއަކީ އެކަނިވެރި މައެއް ކަމަށް ބުނެ ހަމްދަރުދީ ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއް ކަމަށް ބުނެ، ނަމާއި އައިޑީކާޑު ނަންބަރު ވެސް ހިމަނާފައިވާއިރު މީހުންނަށް އެހީތެރިވުމުގެ މާތްކަމާ ގުޅޭ ދީނީ ވާހަކަތަކާއި ހަދީސްތައް ބޭނުންކޮށްގެން މީހުންގެ އިހުސާސްތަކާ ކުޅެލަން ސްކޭމަރުން މަސައްކަތް ކުރާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ސްކޭމަރުން ބޭނުންކުރާ ބައެއް އުކުޅުތަކުގެ ތެރޭގައި:
– ފޮޓޯ ވަގަށް ނެގުން: އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން.
– އިހުސާސްތަކާ ކުޅެލުން: ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުން.
– ފޯނު ކޯލް ބްލޮކްކުރުން: ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން، ނަމަވެސް މެސެޖަށް ޖަވާބުދިނުން.
ފުލުހުން ބުނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަ ދައްކައި ކަންކަން ކަށަވަރުކުރުން މުހިންމު ކަމަށާއި، ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށް ”ގޫގުލް ރިވާސް އިމޭޖް ސާޗް“ އެއް ކޮށްލުމަށްވެސް ފުލުހުން އެދިފައިވެއެވެ. އަދި ސައްހަކަން ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމަކީ އިތުރު ބަޔަކު މި މަޅީގައި ޖެހުމަށް ދެވޭ ދައުވަތެއް ކަމަށްވާތީ، އެފަދަ ޕޯސްޓްތައް ޝެއާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ތިބާގެ ދީލަތި އެހީ، ކުށްވެރިންގެ އަތަށް ދިޔަ ނުދިނުމަށް އެންޓި ސްކޭމް ސެންޓަރުން އެދިފައިވާއިރު، ސްކޭމްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.





